ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ވިލުންތެރިކަން އިތުރުކުރުންކަން ފާހަގަކުރައްވައި، އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ”ހައި-ލެވެލް ޕްލެނަރީ މީޓިންގ އޮން އެޑްރެސިންގ ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް“ ގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް، ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވައިފިއެވެ.
މީގެ ގާތްގަނޑަކަށް ހަތަރު ދަހަރު ކުރިން، 1989 ވަނަ އަހަރު ބޭއްވި ”މާލެ ޑިކްލަރޭޝަން އޮން ގްލޯބަލް ވޯމިންގ އެންޑް ސީ ލެވެލް ރައިޒް“ ގައި ދިވެހިރާއްޖެއިން މި ކާރިސާގެ ވާހަކަ އދ. ގެ ޢާންމު މަޖިލީހުގެ ސަމާލުކަމަށް ގެނައިކަން ހަނދުމަފުޅުކޮށްއަރުވަމުން، އޭރު ދެއްކި މި އިންޒާރުގެ ވާހަކަ މިހާރު އިހުނަށްވުރެ ނުރައްކާ ބޮޑު، ކުއްލި މައްސަލައަކަށް ވެފައިވާކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެގޮތުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ބިނާރަށާއި، ރައްޔިތުންގެ ދިރިއުޅުމަށާއި، މައިގަނޑު އިގުތިސާދީ ދާއިރާތަކުގެ އިތުރުން، ފުޅާ ދާއިރާއެއްގައި ތަރައްޤީއަށް ހުރަސް އެޅެމުންދާކަން ފާހަގަކުރައްވައި، މައިގަނޑު ތިން ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.
އެގޮތުން ފުރަތަމަ އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށެވެ.
އަދި ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ އެހީތެރިކަމަކީ ދުރާލާ ލަފާކުރެވޭ، ފަސޭހައިން ލިބޭ، ހިލޭ އެހީގެ ގޮތުގައި އަދި ލުއި ޝަރުތުތަކާއެކު ދެވޭ މާލީ އެހީތެރިކަމަކަށް ވާންޖެހޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ނުރައްކާތައް ކުޑަކުރުމަށްޓަކައި އެހީގެ ފައިސާ އެކަށީގެންވާ އަވަސްމިނެއްގައި ލިބެންޖެހޭ ކަމަށާއި، ބައިނަލްއަޤްވާމީ މުޖުތަމައުއަށް މިންނުކުރެވޭ ކަމަކަށް ޙައްލެއް ނުހޯދޭނެތީ، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު މޮނިޓަރކޮށް ބަލާނެ ހާއްސަ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގާނޫނީ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ބައިނަލްއަގްވާމީ ގާނޫނުތަކުގެ ތެރެއިން މިކަންކަމަށް ޔަގީންކަން ލިބިދޭންޖެހޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ބޭސްލައިންތަކާއި، ކަނޑުގެ ސަރަޙައްދުތަކާއި، ނުވަތަ ދައުލަތްތަކަށް ލިބިދޭ ހައްގުތަކަށް އުނިކަން އަތުވެގެން ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު، ދައުލަތެއްގެ ދަރަޖައާއި، ސިޔާދަތާއި، އަދި އދ. ގެ މެންބަރުކަމާ މެދު ސުވާލު ނުއުފެއްދޭނެ ކަމަށާއި، ބިމުގެ ޖިއޮގްރަފީއަށް ބަދަލު އަޔަސް، ގާނޫނީ ހައިސިއްޔަތަށް ބަދަލު އައިސްގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ތަރައްގީގެ ޕްލޭންތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި، އުމްރާނީ ވަސީލަތްތައް ފަރުމާކުރުމުން ފެށިގެން އިގްތިސާދީ އިސްތިރާޖީތަކާ ހަމައަށް، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ވިލުންތެރިކަން ސީދާ ހިމެނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
އަދި ރާއްޖޭގެ ތިންވަނަ ”ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން“ (އެންޑީސީ) ގެ ތެރެއިން ރާއްޖެއިން މިފަދަ ފިޔަވަޅުތައް މިހާރުވެސް ތަންފީޒުކުރަމުންދާ ކަމަށާއި، މިފަދަ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ތަރައްޤީގެ ބައިވެރިން އެހީތެރިވެދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ބަޔާން ނިންމަވާލައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ މެދުކެނޑުމެއްނެތި ދުނިޔޭގެ ސަމާލުކަން އެކަމަކަށް ބޭނުންވާ ކަމެއްކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ގައުމުތަކުން ވެފައިވާ ވަޢުދުތައް ޢަމަލުތަކަށް ބަދަލުކޮށް، ވިލުންތެރިކަން ވަރުގަދަކޮށް، މުސްތަގުބަލް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ދުނިޔޭގެ ލީޑަރުންނަށް އިލްތިމާސްކުރައްވާފައެވެ.

