ނަފުސާނީ ބަލި ދުރާލާ ދެނެގަނެ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ރާއްޖޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމު ހަރުދަނާކޮށް ފަސޭހައިން ލިބޭނެ ނިޒާމެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި މަގުސަދު ހާސިލުކުރުމަށް ”މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029“ ތަންފީޒު ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގައުމީ ސިޔާސަތަކާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ގާނޫނެއް އެކުލަވައިލުން ހިމެނޭހެން، ސިޔާސަތުތަކާއި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާންމު ސިއްހީ ހިދުމަތުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ހިމަނައި، ސަރަހައްދީ އަދި ސްޕެޝަލިސްޓް ފަރުވާގެ ނިޒާމުތައް ހަރުދަނާކޮށް ޓެލެ-މެންޓަލް ހެލްތާއި ކުއްލި ހާލަތްތަކުގައި ފަރުވާ ދިނުމުގެ ނިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
އަމާޒަކީ ބަލިން ރައްކާތެރިވުމަށާއި ކުރިއާލާ ބަލި ދެނެގަތުމަށް އިސްކަންދީ، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

