”އިހްތިރާމުކުރުމުގެ ގައުމީ މަޝްރޫއު“ ރައީސް ޑރ.މުހައްމަދު މުއިއްޒު ރަސްމީކޮށް، ރޭ އިފްތިތާހު ކޮށްދެއްވައިފިއެވެ.
މި މަޝްރޫއު އިފްތިތާހު ކޮށްދެއްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވުމަށްފަހު ގައުމާ މުހާތަބުކުރައްވާ އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލެއްވިއެވެ.
މިގޮތުން، ގައުމަށް ގެންނަން ބޭނުންފުޅުވާ ބަދަލު އެމަނިކުފާނު ސިފަކޮށްދެއްވީ މާއްދީ އަދި މާނަވީ ތަރައްގީގެ ގޮތުގައެވެ. އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ ހަމައެކަނި އަތްލެވޭ ލޮލަށް ފެންނަ އުމްރާނީ ބިނާތަކާ މާނަވީ ފިކުރީ އިންސާނީ ބިނާ ގެނައުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ރާއްޖެ ބިނާކުރުމާއި ޤައުމު ބިނާކުރުން ކަމުގައެވެ.
އަދި މިކަމުގެ ސަބަބުން، ދިވެހި މުޖުތަމަޢަކީ އިންސާނީ ކަރާމާތް ނަގަހައްޓާ، ގައުމީ ތަރިކަތައް ދަމަހައްޓާ، ދިވެހި ޤައުމިއްޔަތާއި ދިވެހި ވަންތަކަމަށް ފަޚްރުވެރިވާ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި މަޝްރޫޢުގެ މައިގަނޑު އެއް އަމާޒަކީ މުޖުތަމަޢުގައި އަށަގަނެފައިވާ ނޭދެވޭ އާދަތައް ނައްތާލައި، އަޚްލާޤީ ގޮތުން ރައްޔިތުން ޠާހިރުކުރުންކަން ފާހަގަކުރައްވާ، މިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެކަކު އަނެކަކަށް ފުރައްސާރަކުރުމާ ޣީބަބުނުމާ ދޮގުހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމައު ތާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ދިވެހީންގެ ފަހުރުވެރި މާޒީއަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދިވެހީންގެ ދުރު މާޒީއަކީ އިންސާނީވަންތަކަމުގެ މާޒީއެއް ކަމަށާއި، އެއީ މާތް އަހް މަތިވެރި ސިފަތަކުން ޒީނަތްތެރިވެފައިވާ އުޖާލާ މާޒީއެއް ކަމަށެވެ. އެ ޒަމާނުގައި އޮތް ރީތި އާދަތަކުގެ ތެރެއިން ވަގުތަށް ކަމޭހިތުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސަރުކާރުގެ އާދައިގެ މުވައްޒަފެއްކަމުގައި ވިޔަސް، އާދައިގެ ދިވެއްސެއްކަމަށް ވިޔަސް، އޮފީހެއްގެ ވެރިޔެއްކަމަށް ވިޔަސް އެ ޒަމާނުގައި ވަގުތަށް ކަމޭ ހިތުން އެއީ ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިޙުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫޢުގައި ބޭނުންކުރާނެ ލޯގޯވެސް ރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.
ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކުއަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫޢެއް ފައްޓަވަން އެދިވަޑައިގަންނަވާކަމަށާ، މިކަމުގައި ހުރިހާ ފަރާތްތަކަކުންވެސް ޝާމިލުވެވަޑައިގަތުމަށް ރައީސް ގޮވާލެއްވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަހުލާގު އަލުން އިޔާދަކުރެއްވުމަށް އިހުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގޭއިރު، އިޙުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ޝިއާރަކީ ”އިހުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ“ ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސް މުއިއްޒުގެ އިސްނެންގެވުމަށް، މިރޭ ރަސްމީކޮށް އިފްތިތާޙުކުރެވުނު މި މަޝްރޫޢުގެ ކަންކަން ބަލަހައްޓަވާނީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުންނެވެ.





