އަދާލަތު ޕާޓީން ވެރިކަން ކުރާ ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް ނިންމައިފިއެވެ. އެ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް އިސްވެ ދައުވަތު ދިނީ ޕީއެންސީން ކަމަށެވެ.
ޕީއެންސީން އަދާލަތަށް ދައުވަތު ދިނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަން ހަރުދަނާކުރުމާއި، ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމާއި، އިގްތިސާދު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ރައީސް ބޭނުންވާތީ ކަމަށް އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.
މިބަޔާނުގައި ބުނެފައިވަނީ ޕީއެންސީގެ ދައުވަތާ ގުޅިގެން ރައީސް މުއިއްޒުގެ މިދައުރުގެ ބާކީ އޮތް މުއްދަތުގައްޔާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒާއި، ޕީއެންސީއާ އެކު މަސައްކަތް ކުރުމަށް އިއްތިހާދުވުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން ނިންމީ އިސްލާމް ދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ އަގީދާއާއި އުސޫލުތަކަށް ބިަނާކޮށް ގައުމު ކުރިއަރުވާ ތަރައްގީކުރުމަކީ އަދާލަތު ޕާޓީ އުފެދުނު މަގުސަދަށްވާތީ ކަމަށް އަދާލަތުން ބުންޏެވެ.
އަދި ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އަދާލަތު ޕާޓީން ދެކޭތީ ޕީއެންސީއާ އެކު ކޯލިޝަން ހެދީ ކަމަށްވެސް ބުނެފައިވެއެވެ.
ޕީއެންސީއާ އެކު ކޯލިޝަން ހަދާއިރު އަދާލަތު ޕާޓީގެ މަގުސަދުތަކާއި ޕާޓީގެ މެންބަރުންގެ ހައްގުތަކާއި ޕާޓީގެ ދުރު މުސްތަގުބަލުގެ މަސްލަހަތުތަކަށް ރިއާޔަތްކޮށް ކޯލިޝަންގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިންތިޒާމުތައް ކަނޑައެޅުމުގެ ބާރު ޕާޓީގެ ރައީސަށް ދީފައިވާ ކަމަށްވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.





