ހަގީގީ ތަރައްގީ ހާސިލު ކުރެވޭނީ، ތަރައްގީއާއެކު ދިވެހީންގެ ވިސްނުން ބިނާކޮށްގެން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހްކުރުމަށް، މާފަންނު ޓްރެކް ސަރަހައްދުގައި މިރޭ ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދިވެހިން ބޭނުންވާ ހަގީގީ ތަރައްގީ ހާސިލްކުރެވޭނީ އުމްރާނީ ތަރައްގީއާއެކު ދިވެހީންގެ ވިސްނުން ބިނާކޮށްގެން ކަމަށެވެ. އެހެންވެ އިހްތިރާމުކުރުމުގެ ގައުމީ މަޝްރޫއެއް ފެށީ އިސްލާމީ ހަމަތަކާއި އެކަކު އަނެކަކަށް ގަދަރުކުރުމުގެ މައްޗަށް ބިނާވެފައިވާ އަދި ފުރައްސާރަކުރުމާއި މަލާމާތްކުރުމުން ތޯހިރުވެފައިވާ ތަހުޒީބު މުޖުތަމައެއް ބިނާކުރުމުގެ މަތިވެރި މަގުސަދުގައި ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ އުޅުންތަކާ ގުޅުންތައް މިގޮތުގައި ބެހެއްޓިއްޖެނަމަ، ސައްތައިންސައްތަ މި އިސްލާމީ ގައުމަކީ، މާތް ﷲ ލޯބިވެވޮޑިގެންވާ އެންމެ ތަހުޒީބީ ސިފަތަކުން ޖަރީވެފައިވާ ތަހުޒީބު މުޖުތަމަޢުއަކަށް ވެގެންދާނެ،“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާކުރެއްވި ދުވަހު ގައުމާ މުހާތަބުކުރައްވާ އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅަށްވެސް ބައްލަވާލެއްވިއެވެ. އެގޮތުން ގައުމަށް ގެންނަން ބޭނުންފުޅުވާ ބަދަލު އެމަނިކުފާނު އެ ދުވަހު ސިފަކޮށްދެއްވީ މާއްދީ އަދި މާނަވީ ތަރައްގީގެ ގޮތުގައެވެ.
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ މައިގަނޑު އެއް އަމާޒަކީ މުޖުތަމައުގައި އަށަގަނެފައިވާ ނޭދެވޭ އާދަތައް ނައްތާލައި، އަޚްލާގީ ގޮތުން ރައްޔިތުން ތާހިރުކުރުންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ރައީސް ވިދާޅުވީ އެކަކު އަނެކަކަށް ފުރައްސާރަކުރުމާ ޣީބަބުނުމާ ދޮގުހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމައު ތާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިހްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ވެގެންދާނެ ކަމަށެވެ.





