ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

Advertisement
Advertise with us

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ. އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް ޝެއިހް މުހައްމަދު ޝިފާނެވެ.

ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން ނިންމީ އިސްލާމް ދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ އަގީދާއާއި އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއަރުވާ ތަރައްގީކުރުމަކީ އަދާލަތު ޕާޓީ އުފެދުނު މަގުސަދަށްވާތީ ކަމަށް އަދާލަތުން ބުންޏެވެ.

އަދި ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އަދާލަތު ޕާޓީން ދެކޭތީ ޕީއެންސީއާ އެކު ކޯލިޝަން ހެދީ ކަމަށްވެސް ބުނެފައިވެއެވެ.

ޕީއެންސީއާ އެކު ކޯލިޝަން ހަދާއިރު އަދާލަތު ޕާޓީގެ މަގުސަދުތަކާއި ޕާޓީގެ މެންބަރުންގެ ހައްގުތަކާއި ޕާޓީގެ ދުރު މުސްތަގުބަލުގެ މަސްލަހަތުތަކަށް ރިއާޔަތްކޮށް ކޯލިޝަންގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިންތިޒާމުތައް ކަނޑައެޅުމުގެ ބާރު ޕާޓީގެ ރައީސަށް ދީފައިވާ ކަމަށްވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދާލަތުން ވަނީ ރައީސް މުއިއްޒުގެ މިދައުރުގެ ބާކީ އޮތް މުއްދަތުގައްޔާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒާއި، ޕީއެންސީއާ އެކު މަސައްކަތް ކުރުމަށް ވެސް ނިންމައިފައެވެ.