ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، މި ގައުމުން ފޭބުމަށާއި، އިންޑިއާއާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތުގެ ދަށުން، ރޭ މާލޭގައި ބޭއްވި ސުލްހަވެރި އެއްވުމުގެ ބައިވެރިޔަކު ގެންގުޅުުނު ”އިންޑިއާ އައުޓް“ ލިޔެފައިވާ ދިދައެއް އަތުލުމަށް ސިފައިންގެ އޮފިޝަލަކު ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

ވީޑިއޯގައި ފެންނަނީ، އުމުރުން އެންމެ 19 އަހަރުގެ ޕީޕީއެމްގެ ޔޫތު މެމްބަރު ނުހާ ފަހަތުން އެމްއެންޑީއެފްގެ އޮފިޝަލަކު ވަރަށް ބާރަށް ދުވެފައިވާ މަންޒަރެވެ. ނުހާގެ އަތުގައި އިންޑިއާ އައުޓް ލިޔެފައިވާ ބޮޑު ދިދައެއް އޮތެވެ. ސިފައިންގެ މީހާއަށް ނުހާ އަތު ނުވެގެން ވަކި ހިސާބަކުން އަނބުރާ އަންނަ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ފަހުން ނުހާ ހައްޔަރު ކުރިއިރު، އޭނާއަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އެގޮތުން އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭ ވީޑިއޯއެއްވެސް އާންމުވެފައިވެެެއެވެ.

ސިފައިންގެ މީހާ ދިދަ އަތުލަން ދުވާ ވީޑިއޯ ޓްވިޓަރގައި ވައިރަލް ވެފައިވާއިރު، ކޮމެންޓް ކުރި އެތައް ބައެއްގެ ފާޑުކިޔުން ވަނީ ދިވެހި ސަލާމަތީބާރުތަކަށް އަމާޒުވެފައެވެ. އެގޮތުން ބައެއް މީހުން ބުނި ގޮތުގައި، މިއަދު ދިވެހި ސިފައިންނާއި ފުލުހުންނަށް އަމިއްލަ ގައުމުގެ ރައްޔިތުންގެ މަސްލަަހަތަށްވުރެ މުހިންމީ އިންޑިއާގެ ”ކަރާމާތް“ ދެމެހެއްޓުން ކަމަށެވެ.

އިތުރު މީހަކު ކުރި ޓްވީޓެއްގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އިން އިދިކޮޅުގައި ތިބިއިރު، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ ހައްގުގެ ވާހަކަ ދެއްކިއިރު، ވެރިކަން ލިބުމުން އަމަލުތައް ބަހައްޓަމުން ދަނީ ކިހިނެއްތޯ ސުވާލު ކޮށްފައިވެއެވެ.

ވީޑިއޯ ހިއްސާކޮށް ގިނަ މީހުން ވަނީ ނުހާގެ ދިފާއުގައި އަޑުއުފުލައިފައެވެ. އަދި މިއީ ފަލަސްތީނުގެ ބިމުގައި، ޔަހޫދީން ހިންގާ ފަދަ ލާއިންސާނީ އަމަލެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ސިފަ ކުރިއެވެ.

އިދިކޮޅު ޕީޕީއެމްގެ އޮފީސް ކައިރިއަށް ރޭވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެ، އިންޑިއާގެ އަޅުވެތިކަމާ ދެކޮޅަށް އަޑު އުުފުލިއެވެ. ނަމަވެސް އެއްވުން ފެށުމާއެކު، އެސްއޯ ފުލުހުން ވަނީ އެއްވުމަށް ހުރަސް އަޅައިފައެވެ.

އެއްވުން ރޫޅާލުމަށް ސިފައިން ނުކުތްއިރު، ސިފައިން ނުކުމެފައިވަނީ، ފުލުހުން ސިފައިންގެ އެހީއަށް އެދިގެން ކަމެއް ސާފެއް ނޫނެވެ.

ރޭގެ އެއްވުމުގެ ތެެރެއިންވެސް ހަތް މީހަކު ހައްޔަރު ކުރިއެވެ. އަދި ފުލުހުންގެ ފަރާތުން އަނިޔާ ލިބުމުން، ދެ މީހަކު ހޮސްޕިޓަލަށްވެސް ގެންދިޔައެވެ.

”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވުމަށް ފުލުހުންނާ ސިފައިން މަސައްކަތް ކުރަމުން އަންނައިރު، މި ހަރަކާތް ހުއްޓުވުމަށް ގޮވާލާ ގަރާރެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނެރުއްވައިފައެވެ.

ނަމަވެސް އެ ގަރާރަކީ، ގާނޫނު އަސާސީން ލިބޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަކަށް ހުރަސް އަޅާ ގަރާރެއް ކަމަށް ބުނެ، އެއީ ޣައިރު ގާނޫނީ ގަރާރެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެއެެވެ.