ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ކެމްޕޭން ހިންގުމުގައި ހަރަކާތްތެރިވާ، އިދިކޮޅުގެ ހަރަކާތް ޑިޕާޓްމެންޓްގެ ޗެއާ، އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރު ކުރަން ފުލުހުން އަނެއްކާ ވެސް ކޯޓު އަމުރެއް ހޯދައިފިއެވެ.

Ads by Asuru

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކޯޓު އަމުރު ހޯދުމަށްފަހު އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތް ހިންގާތީ މީގެ ކުރިންވެސް މުހައްމަދު ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާ ދޫކޮށްލީ، ކޯޓު އަމުރާ ހިލާފަށް ހައްޔަރު ކޮށްފައިވާތީއެވެ.

”އިންޑިއާ އައުޓް“ ކެމްޕެއިން ވަރުގަދަ ކޮށްފައިވާއިރު، މި ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއްވެސް ނެރުއްވައިފައެވެ.

އޭގެފަހުން މި ހަރަކާތް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.