އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކުރިއަށްވުރެވެސް ވަރުގަދަކޮށް، ނުކުމެވަޑައިގަންނަވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމުގެ ގޮތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާއެއް ސާބިތުވާ ކަމަށް ނިންމާ، އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް ވިދާޅުވީ އެ ހުކުމް ޕީޕީއެމް ޕީއެންސީން ބަލައިނުގަންނަ ކަމަށާއި، އެއީ ”ހަރާން ހުކުމެއް“ ކަމަށެވެ.
”މިފަހަރު މި ނުކުންނަނީ ދޭތިން އެކައްޗަށް. ދޭތިން އެކައްޗަށް މި ނުކުންނަނީ، އަތޮޅުތަކުގަ ތިއްބެވި އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް ދަންނަވާލަން ބޭނުންވަނީ ލަސް ނުކުރައްވާ ފުރާވަޑައިގެން މާލެ ވަޑައިގަންނަވާށޭ. މާލެ ވަޑައިގަންނަވާށޭ، ރައީސް ޔާމީން ސަލާމަތް ކުރަން އެބަ ޖެހެއޭ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ގަދަކޮށް ކަމަށާއި، އެމަނިކުފާނުގެ ސަޕޯޓަރުން މާޔޫސްވާނެ ކަމެއް ނެތް ކަމަށެވެ.
”އަޅުގަނޑު ހަަމަ ތިބޭފުޅުންނަށް ދަންނަވާލަން ބޭނުން، ރައީސް ޔާމީން ވިދާޅުވީ ތިޔަ ހުރިހާ ބޭފުޅުންނަށް އެމަނިކުފާނުގެ ވެދުން ސަލާމް ދަންނަވައިދެއްވުމަށް. (ވިދާޅުވީ) ވެދުން ސަލާމް ދަންނަވާލަ ދޭށޭ، ކުރިއަށްވުރެ ވަރުގަދަޔަށް ނުުކުމެވަޑައިގަންނަވާނަމޭ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތަކީ ގައުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށާއި، ގައުމު އިންޑިއާގެ އަޅުވެތިކަމުން މިންޖު ކުރުމަށްޓަކައި އެމަނިކުފާނު މިނިވަން ކުރަންޖެހޭ ކަަމަށެވެ.