ކަމެއް ހާސިލު ކުރެވޭނީ އަމާޒެއް އޮވެގެންކަން ޔަގީނެވެ. ވަކިން ހާއްސަކޮށް ބޮޑެތި ކަންކަން ކާމިޔާބު ކުރަން، އެތައް މަސައްކަތެއް ކުރަން ޖެހެއެވެ.

Ads by Asuru

ތިބާ ދާހިތްވާ ގައުމަކަށް ދިޔުމަށް އެތައް ދުވަހެއް ކުރިން ރާވާ، ދުރާލާ ތައްޔާރުވަންދޯއެވެ؟ އެތަނަކަށް ގޮސް ކުރާނެ ކަންކަމާއި، ދާނެ ތަންތަން އޮންނަނީ މާ ކުރިން ނިންމާފައި ނޫން ހެއްޔެވެ؟ ހިތް އެދޭ މަންޒިލަށް ވާސިލުވާން ގުރުބާނިތައްވެސް ވަމެއް ނޫންހެއްޔެވެ؟ ފައިސާ ރައްކާ ކުރުމާއި، ކުރަން ޖެހޭ އެހެން ކަންކަން ފަސް ކުރުން ފަދަ ކަންކަން ކުރަންދޯއެވެ؟

ވަގުތީ ދުނިޔެއެއްގެ ވަގުތީ މަންޒިލަކަށް ދާން، ތިބާގެ ހިތް އެހާވަރަށް އެދި، އެކަމަށް އިންތިޒާރު ކުރާއިރު، ދާއިމީ މަންޒިލާމެދު ވިސްނާ، ފިކުރު ކުރަނީ ކިހާ ވަރަކަށް ހެއްޔެވެ؟ މި ދުނިޔެ އަކީ، ދާއިމީ މަންޒިލަކީ ކޮންތަނެއްކަން ކަނޑައަޅަން ލިބޭ ކުޑަ ފުރުސަތެއްކަން ހަނދާން ވަނީ ކިހާވަރަކަށް ހެއްޔެވެ؟

އާނއެކެވެ. މި ދެކެވެނީ ސުވަރުގެއާ ނަރަކައިގެ ވާހަކައެވެ. ކޮންމެ އިންސާނެއްގެވެސް އެންމެ ފަހު މަން‏ޒިލަކީ އެ ދެތަނުންކުރެ ތަނެއްކަން އަހަރުމެންނަށް ވަނީ އަންގަވާފައެވެ. ނަރަކައިގެ ގަދަ ހޫނު ނުވަތަ ސުވަރުގޭގެ އުފާވެރިކަމާ ހިތްހަމަޖެހުމެވެ. މިތަނުން ތިބާ އިހްތިޔާރު ކުރަނީ ކޮންތަނެއް ހެއްޔެވެ؟

ޔަގީނުންވެސް، ކޮންމެ މީހަކުވެސް ބޭނުންވާނީ ސުވަރުގެއެވެ. އެތަނަށް އެންމެ ފަހުން ވަދެވޭ މީހާއަށްވެސް ގަނޑުވަރެއް ލިބެއެވެ. ވީއިރު، ސުވަރުގެ ހޯދަން މަސައްކަތް ނުކުރަންވީ ސަބަބެއް އެބައޮތް ހެއްޔެވެ؟ ސުވަރުގޭގެ އުފާވެރިކަމަށް ނޭދޭންވީ ސަބަބެއް ކޮބާހެއްޔެވެ؟

ދަންނާށެވެ. އިންސާނާގެ ދުނިޔަވީ ދިރިއުޅުމުގެ މައިގަނޑު މަގްސަދަކީ އާހިރަތް ބާއްޖަވެރިކުރުމާއި، ނިއުމަތުން ފުރިގެންވާ ސުވަރުގެތައް ހާސިލްކުރުމެވެ.

ސުވަރުގޭގެ މަތިވެރިކަން ހާމަވާ، ރަސޫލާ(ސ.އ.ވ)ގެ ހަދީީީީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ދެންނެވިއެވެ. ސުވަރުގެއިން އެންމެ ދަށުދަރަޖަ ލިބޭ މީހާގެ މަންޒިލަކީ ކޮބައިހެއްޔެވެ؟ އެއިލާހު ވަޙީކުރެއްވިއެވެ. އެއީ ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވަނުމަށްފަހު އަންނަމީހެކެވެ. ފަހެ އޭނާއަށް ދެންނެވޭނެއެވެ. ސުވަރުގެއަށް ވަންނާށެވެ! ފަހެ އޭނާ ބުނާނެއެވެ. އޭއަޅު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ކިހިނަކުންތޯއެވެ؟ މީސްތަކުން އެބައިމީހުންގެ މަންޒިލުތަކަށް ވަދެއްޖެއެވެ. އަދި އެބައިމީހުންނަށް ކަނޑައެޅިފައިވާ ނިޢުމަތްތައް ޙާޞިލުކޮށްފިއެވެ. އެހިނދު އޭނާއަށް ދެންނެވޭނެއެވެ. ދުނިޔޭގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލެއްގެ ރަސްކަންފަދަ ރަސްކަމެއް ތިބާއަށް ލިބުމަށް ތިބާ ރުހެންހެއްޔެވެ؟ އެހިނދު އޭނާ ބުނާނެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅު ރުހިއްޖައީމެވެ. އެހިނދު މާތް ރަސްކަލާނގެ ވަޙީކުރައްވާނެއެވެ. ތިބާއަށް އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި ފަސްވަނަ ފަހަރު އޭނާ ބުނާނެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅު ރުހިއްޖައީމެވެ. އެހިނދު ވަޙީކުރައްވާނެއެވެ. ތިބާއަށް އެއާއި އޭގެ ދިހަގުނަ ވެއެވެ. އަދި ތިބާގެ ނަފުސު އެދޭ ކޮންމެ އެއްޗެއް ތިބާއަށް ވެއެވެ. އަދި ތިބާގެ ލޮލަށް އަރާމުކަންދޭ ކޮންމެ އެއްޗެއްވެސް ތިބާއަށް ވެއެވެ. އެހިނދު އޭނާ ބުނާނެއެވެ. އަޅު ރުހިއްޖައީމެވެ.