ޑިމޮކްރަސީ އާލާކުރުމާއި ރަނގަޅު މުސްތަގްބަލެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އާ ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

Ads by Asuru

ރައީސް ސޯލިހު މިކަމަށް ގޮވައިލައްވާފައިވަނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމް ކުރައްވައިގެން ބޭއްވެވި ”ސަމިޓް ފޯ ޑިމޮކްރަސީ“ގެ ދެވަނަ ބައްދަލުވުމުގައި ގައުމީ ބަޔާން އިއްވަވަމުންނެވެ.

ޑިމޮކްރަސީއެއް ހަރުދަނާކޮށް ހިންގުމުގައި ކޮންމެހެން މުހިންމު ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ މިނިވަންކަން އިތުރަށް ކަށަވަރުކޮށް، ޕަބްލިކް ޕްރޮކިއުމަންޓް ޕޮލިސީތަކާއި އޮޑިޓް މެކޭނިޒަމްތައް ހަރުދަނާ ކުރުމަށް ގާނޫނަށް ދެ އިސްލާހެއް މި ސަރުކާރުން ހުށަހަޅާފައިވާ ކަމުގައެވެ.

އަދި ސަރުކާރުން މަސައްކަތްކުރަނީ ޕާފޯމަންސް ބޭސްޓް ބަޖެޓިންއާ ދިމާއަށް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުޑިޝަރީ އިސްލާހުކުރުމަށް ވެސް ސަރުކާރުން ވަރަށް އިސްކަންދޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުރިޔަށްވުރެ ހަލުވިކޮށް އަދި ދެފުށް ފެންނަގޮތަށް ކޯޓު މަރުހަލާތައް މިހާރު ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިސްލާހާއެކު ޑިސްޓްރިކްޓް ކޯޓު އުފެއްދުމާއި ސާކިޓް ކޯޓުގެ ނިޒާމު ތައާރަފު ކުރުމުގެ އިތުރުން ޝަރްއީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށާއި ނިންމުންތައް ނިންމާ ފަންތީގައި އަންހެނުން ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކޮށްފައިވާ ކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެއާއެކު ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ތަމްސީލުކުރުމުގައި ހަމަހަމަކަން ހޯދައިދިނުމާއި ލާމަރުކަޒީ ނިޒާމުގައި އަންހެން ކައުންސިލަރުންގެ އަދަދު އިތުރުކޮށްފައިވަކަން ފާހަގަކުރެއްވިއެވެ.