އިތިއޯޕިއާއިން އިން ރާއްޖެ އައި ފަސިންޖަރެއްގެ ލަގެޖުން ފަސް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

Ads by Asuru

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، މި މަސްތުވާ ތަކެތި އަތުލައިގެންފައިވަނީ ވައިގެ މަގުން އިތިއޯޕިއާއިން ރާއްޖެ އައި އިންޑިއާގެ އުމުރުން 56 އަހަރުގެ އަންހެން ފަސިންޖަރެއްގެ އަތުންކަމަށެވެ.

އަދި މި ތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފާނެކަމަށް ކަސްޓަމްސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރެވުނު މަސައްކަތުގެ ދަށުން، މި މަހުގެ 12 ވަނަ ދުވަހުކަމަށް ވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރިއިރު، އަތްދަބަހުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވްވެފައެވެ.

އަދި ލަގެޖުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވްވެފައެވެ.

މި ފަސިންޖަރުންގެ އަތްދަބަހާއި ފޮށީގައި ރައްކާކޮށްފައި ހުރި 1.180 ކިލޯ ކޮކެއިން އަދި 4.2 ކިލޯ ހެރޮއިން އާއެކު ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާއިރު، މިތަކެތީގެ މަގުމަތީ އަގު 9 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި، މި ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ ދިވެހި ފުލުހުންނާ ޙަވާލުކޮށްފައެވެ.