ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާޙީމް ޝާޒް ކާމިޔާބުކޮށްފިއެވެ.

Ads by Asuru

މިއަދު ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވާދަކުރި 3 ކެނޑިޑޭޓުންގެތެރެއިން އެންމެ ކުރީގައި އުޅެނީ ޝާޒްއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ގުރައިދޫ ދާއިރާގެ ގޮނޑި ޝާޒް ކާމިޔާބުކުރީ 1340 ވޯޓް ލިބިގެންނެވެ. ޝާޒްއާ އެންމެ ކައިރިން ވާދަކުރި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް އަދި ކުރިން އެދާއިރާ ތަމްސީލްކުރެއްވި އިބްރާޙީމް ރިޒާގެ ކޮއްކޮ ޙުސައިން ރިޒާއަށް ލިބިފައިވަނީ 1226 ވޯޓެވެ. އަދި 128 ވޯޓާއެކު އެންމެ ފަހަތުގައި އޮތީ އެމްއެންޕީގެ ފާރާތުން ވާދަކުރި ޢަލީ އާރިފްއެވެ. ބާތިލް ވޯޓްގެ ގޮތުގައި 61 ވޯޓް ގުނާފައިވެއެވެ.

އެ އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ ގުރައިދޫއިން 1394 މީހުންނާއި، މާފުށިން 1366 މީހުން އަދި ގުޅިން 663 މީހުންނެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާޙީމް ރިޒާ މިދިއަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. އޭނާ ވަނީ އެ ދާއިރާ 14 އަހަރު ތަމްސީލް ކުރައްވާފައެވެ.