މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓަރސް ލިސްޓު އިލެކްޝަންސް ކޮމިޝަން(އީސީ)އިން އާއްމުކޮށްފައިވާއިރު، އެ ލިސްޓުގައި ނަން އޮތްތޯ ބެލުމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އިލްތިމާސް ކުރައްވައިފިއެވެ.

Ads by Asuru

އީސީން ރިޔާސީ އިންތިހާބު 2023ގެ ވޯޓަރސް ލިސްޓު އާއްމު ކުރީ، މި މަހުގެ ދެވަނަ ދުވަހުއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ފުރަތަމަ މަރުހަލާގައި، ވޯޓަރސް ލިސްޓުގައި އެމީހެއްގެ ނަން އޮތްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ލިސްޓުގައި ނަން އޮތީ ރަނގަޅަށްތޯވެސް ޔަގީން ކުރަންވާނެ ކަމަށެވެ.

”އެ މީހެއްގެ ރަޖިސްޓްރީ އެޑްރެސްގަ، ނަން އޮންނަންވާނީ. ފަހުން އަޅުގަނޑުމެން ހުޅުވާލާނަން، އެމީހަކު ބޭނުންވާ ތަނެއްގަ، ރީ-ރަޖިސްޓަރ ކުރަން.“

ފުއާދު ވިދާޅުވީ ވޯޓުލާާއިރު ހުންނާނެ ތަނުގައި ރަޖިސްޓްރީ ކުރެވޭނީ، ފުރަތަމަ ކަމަކަށް، ވޯޓަރސް ލިސްޓުގައި ނަން އޮވެގެން ކަމަށްވާތީ، ލިސްޓުގައި ނަން އޮތްތޯ ބަލަންޖެހޭ ކަމަށެވެ.

އީސީގެ ވެބްސައިޓުގައި، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 09ވަނަ ދުވަހާ ހަމައަށް އުމުރުން 18 އަހަރުވާ އެންމެންގެ ނަން އޮންނަންވާނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ ވޯޓަރސް ލިސްޓުގައި ނިޔާވެފައިވާ ފަރާތެއްގެ ނަން ހިމެނިފައިވާނަމަ، އެކަން އީސީއަށް އަންގައިދިނުން އެދިވަޑައިގަންނަވާ ކަމަށެވެ.

އީސީއިން އާންމު ކުރި ވޯޓާސް ލިސްޓުގައިވާ ގޮތުން ރިޔާސީ އިންތިހާބުގައި މިފަހަރު 282755 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބޭނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރުމަހުގެ 30 ގައެވެ.