ވާދަވެރިން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ކާމިޔާބީތައް ހަޖަމު ނުވެގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި އިއްޔެ ރޮޒެއިނާ ވިދާޅުވީ އަސްލު މައްސަލަ އަކީ ރައީސް ސޯލިހުގެ ވެރިކަމުގެ ކާމިޔާބީ ހަޖަމު ނުވުމުގެ މައްސަލަ އާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހަޖަމު ނުވުމުގެ މައްސަލަ ކަމަށެވެ.

އަދި މިހާރު ފެންނަނީ މި ވެރިކަމުގައި މުޅި ގައުމަށް ތަރައްގީ އާއި ހަމަހަމަކަމާއި، އިންސާފާއި އަމާންކަން ގެނެސްދިނުމުން ވެރިކަމަށް ފާރަލައިގެން ހުންނެވި އެއްވެސް ބޭފުޅަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ކަމުގެ ޔަގީންކަން ލިބުމުން އެކަމާ ދޭތެރޭ ކުރާނެ ކަމެއް ނެތިގެން އުޅޭ މައްސަލަ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ކަނޑުން ބައެއް ގެއްލިއްޖެ ކަމަށް ބުނެ ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ.

އޭގެ ހެއްކަކީ މުޅި ރާއްޖޭން އާދޭސްކޮށްގެން މީހުން ގެނެސްގެން ބޭއްވި ޖަލްސާގައި ވެސް ހުސް ގޮނޑި ހުރުން ކަމަށާއި ރައްޔިތުން ގަބޫލުކުރާ ކަންކަމާއިގެން ނިކުތުމުން ރައްޔިތުން ނިކުމެ ތަންތަން ފުރާލާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ރާއްޖޭގެ ތާރީހުގައި އެއްވެސް ވެރިއަކު ދުވަހަކުވެސް ދައްކާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މޮރިޝަސް އިން އެނބުރި ވަޑައިގެންނެވީ ކަރުގައި މެޑަލްތައް އަޅުއްވައިގެން ކަމަށާއި، ނަމަވެސް ނަޝީދު ވެސް ދައްކަވަމުން ގެންދަވަނީ ޗާގޯސް ހިފަން ދިވެހިން ދާންޖެހޭ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.