ސިޔާސީ ބޭފުޅުންނާއި ސަރުކާރުގެ މަގާމުތައް ފުރުއްވާ އެކި ފަރާތްތަކާ ގުޅޭ ގޮތުން، ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުން އަންނަ ”ދިޔަވަރު“ ވެބްސައިޓު ހިންގަނީ އޭނާ ނޫން ކަމަށް ރައީީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިއުވާާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ނިވަލުގައި ފިއްލަވައިގެން ހުންނަވާ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް އޭނާގެ ބޮލުގަައި މިއަދު އެޅުވީ ދޮގު ތުހުމަތެއް ކަމަށެވެ.
”ހަގީގަތެއް ނެތް ދޮގު ވާހަކަ ދައްކައި، އަޅުގަނޑުގެ އާއިލާ ނުރައްކަލުގެ ތެރެއަށް ވައްޓާލި ސަބަބެއް އަޅުގަނޑަށް ސާފުނުވިނަމަވެސް، އަޅުގަނޑަށް ނިސްބަތްކޮށް ދެއްކި ވާހަކައަކީ ދޮގު ވާހަކައެއްކަން ޔަޤީންކޮށް ދަންނަވަން އެނގޭ. އަޅުގަނޑު ނޫސްވެރިކަންކުރާނަމަ ކުރާނީ ކެރިގެން، ފާޅުގައި. ކުރިންވެސް ކުރީ އެހެން.“ ރާއްޖެ ޓީވީ އަދި ސަންގު ޓީވީ އާއި ޗެނަލް13ގައި ވެސް މަސައްކަތް ކުރެއްވި މިއުވާން ވިދާޅުވިއެވެ.
ރަޖިސްޓްރީ ވެސް ނުކޮށް ހިންގާ ”ދިޔަވަރު“ އަކީ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އަޑީގައި ހުންނަވައިގެން މިއުވާން ލައްވައި ހިންގާ ވެބްސައިޓެއްކަމަށް ސަނީފު މިއަދު މަޖިލީހުގައި ތުހުމަތު ކުރެއްވިއެވެ.
”ޕާޓީގެ މިއަދުގެ ރައީސް ޢަބްދުﷲ ޝާހިދު އުފައްދައިގެން އުޅޭ ނޫހެއްކަމަށްވާ މިއުވާނުގެ ނޫހުގައި ޕާޓީގެ މެންބަރުން ފަޟީހަތްކުރުމަކީ މިދާ ދައުރުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ހުރެގެން އަޅުގަނޑު ކުށްވެރިކުރާ ކަމެއް،“ ސަނީފު ވިދާޅުވިއެވެ.
