ނަފްސާނީ ބަލިތަކާ މެދު ދެކޭގޮތާއި އެފަދަ ކަންކަމުގައި ބޭނުންކުރާ ބަސްމަގު ބަދަލުކުރަންޖެހޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މެޑަމް ސާޖިދާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ބިނާވަނީ ލިބޭ އަޅާލުމާއި، ދިރިއުޅޭ މުޖުތަމައުތަކާއި، ވަށައިގެންވާ މީހުންގެ ސަބަބުން ކަމަށެވެ.
އަދި ގޭތެރެއާއި ސްކޫލުތަކާއި މަސައްކަތުގެ މާހައުލުތަކުގައި ކޮންމެ ދުވަހަކުވެސް ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަން ހިނގަމުންދާއިރު، އެކަކު އަނެކަކަށް އަޑުއަހައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ނަފްސާނީ ގޮންޖެހުންތައް ތަހައްމަލް ކުރަމުންދާ ފަރާތްތަކަކީ ހަގީގީ އެހީތެރިކަން ދޭންވީ ގޮތުގެ އަގުހުރި ވިސްނުމާއި ތަޖުރިބާ ހުރި ބައެއްކަން ބަލައިގަންނަންޖެހޭ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
އަދި ނަފްސާނީ ސިއްހަތާ މެދު ގެންގުޅޭ ވިސްނުމާއި ބޭނުންކުރާ ބަސްމަގު ބަދަލުކުރުމާއެކު، އެހީތެރިކަން ހޯދުމަށް ފަރުދުންނަށް ހިތްވަރުދީ، ބޭނުންވާ ކޮންމެ މީހަކަށްވެސް އެހީތެރިކަން ލިބެން ހުރިކަމުގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ފަސްޓްލޭޑީގެ މެސެޖު ނިންމަވާލައްވަމުން ވަނީ ނަފްސާނީ ބަލިތަކާ ގުޅިގެން މީހުންނާ މެދު ދެކޭ ނޭދެވޭ ތަފާތުކުރުންތަކާއި ލަދުވެތިކަން ނައްތާލައި، އެންމެންގެ އަޑުވެސް އަހައި އަޅާލުން ލިބޭނެ ފަދަ މާހައުލެއް ބިނާކުރުމަށް ގޮވާލައްވާފައެވެ.

