ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ޢުމްރާއަށް ޚާއްޞަކޮށްގެން އައްޑޫ ސިޓީ ގަމުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި މިއީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ދަތުރުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން އިންތިޒާމުކުރާ ޚާއްޞަ ދަތުރެކެވެ.

އެ ކޯޕަރޭޝަނުން ބުނީ ރަމަޟާން މަހުގެ ފަހު 15 އަށް ޚާއްޞަކޮށްގެން ބާއްވާ މި ފްލައިޓުގެ ދަތުރު އޮންނާނީ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށް ކަމަށެވެ.

އަދި ރަމަޟާން މަހުގެ ފަހު ފަނަރަ ޢުމްރާ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާ ކަމަށާއި، މީގެ އިތުރުން މުޅި ރަމަޟާން ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުޞަތު ޙައްޖު ކޯޕަރޭޝަނުން މިހާރު ހުޅުވާލާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އަދި މުޅި ރަމަޟާން ޢުމްރާ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހަމައެއާއެކު ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ރަމަޟާން ޢުމްރާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ކަށަވަރުކުރުމުގެ ފުރުޞަތު ވެސް ހުޅުވާލާފައެވެ.

އެގޮތުން ޢުމްރާގެ ޖާގަ ކަށަވަރުކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް ”ފަހެލި“ މެދުވެރިކޮށްގެންނާއި، ކޯޕަރޭޝަންގެ ވެބްސައިޓް (hajj.mv) މެދުވެރިކޮށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.