އުރީދޫ މަސް ރޭސް: ކުޅުދުއްފުށީގެ ޗެމްޕިއަން ޓީމަކީ ބުޅިކެނޑި!
12 އޯގަސްޓް 2023

މި އަހަރު އުރީދޫ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ރާއްޖޭގެ ހަތަރު ސީޓީގައި ބާއްވާ މަސް ރޭހުގައި، ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވި މަސް ރޭހުގެ ޗެމްޕިއަން ކަން ”ބުޅިކެނޑި ޓީމް“ އަށް ލިބިއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި އުރީދޫ މަސްރޭހުގައި ޖުމްލަ 21 ޓީމް ބައިވެރި ވެފައިވެއެވެ.

އެ މުބާރާތުގެ ވަނަތައް ލިބުނު ޓީމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ވެސް ދީފައެވެ.

ކުޅުދުއްފުށީގައި ކުރިއަށްދިޔަ ”އުރީދޫ މަސްރޭސް 2023“ ގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރިކޯޑް އަދަދެއް، 1214.25 ޕޮއިންޓާ އެކު ޓީމް ބުޅިކެނޑިއެވެ.

ފޯރިއާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ރަނަރަޕްކަން ހޯދާފައި ވަނީ 659.05 ޕޮއިންޓާއެކު ޓީމް ލައްޓި އަދި 612.35 ޕޮއިންޓާއެކު ތިން ވަނަ ކާމިޔާބުކޮށްފައި ވަނީ ކުރިބިއަންސް ޓީމުންނެވެ.

މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައި ވަނީ ބަރުމިނުގައި 25.85 ކިލޯ ގެ ހިބަރެކެވެ. އެންމެ ބަރުމަސް ބޭނި ފަރާތުގެ ޝަރަފު ހޯދާފައި ވަނީ ޗެމްޕިންކަން ހޯދި ބުޅިކެނޑި ޓީމުން ހަސަން އަލީއެވެ.

މިއީ އުރީދޫ މަސްރޭސްގެ ތާރީހުގައި ހިބަރު މަސް ބޭނި ފުރަތަމަ ފަހަރެވެ. ޗެމްޕިއަން ޓީމް ބުޅިކެނޑި 3 ހިބަރު ބާނާފައިވާ އިރު ރަނަރަޕް ޓީމް، ޓީމް ލައްޓި ވެސް 2 ހިބަރު ބާނާފައި ވެއެވެ. އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނާ ސީގިއާގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާ ކޮށްފައެވެ.

މީގެ އިތުރުން 2 ވަނަ ހޯދި ލައްޓި ޓީމުގެ އާދަމް ހިލްމީ ހުނަރުވެރިކަމާ އެކު 16 މަސް ބާނާ އެންމެ މޮޅު ކެޔޮޅުގެ މަގާމު ކާމިޔާބު ކޮށްފާވާ އިރު އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބު ކޮށްފައި ވަނީ ދަމާނަގާ ޓީމުން ހަދީޖާ މޫސާއެވެ.

މި މުބާރާތުގެ ދެން ހުރި ސިޓީ ތަކުގައި މަސްރޭސް ކުރިއަށް އޮތް ދެ ހަފްތާގައި ކުރިއަށް ދާނެއެވެ.