އުރީދޫގެ އަހަރީ ދުވަހާއި ގުޅުވައިގެން އުރީދޫއިން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު މަސް ރޭހުގެ އައްޑޫ އެޑިޝަންގައި ބައިވެރިވާ ޓީމުތައް މަހަށް ފުރައިފިއެވެ.

މިއަދު މެނދުރުފަހު 2:30 އެހައިކަށްހާއިރު މަރަދޫ ބަނދަރުން ޓީމުތައް ފުރައިގެން ގޮސްފައިވާއިރު، މި ޓީމުތައް މަސް ބާނައިގެން އެނބުރި މިރޭ 9:00 ގެ ކުރިން އަނބުރާ އަންނަން ޖެހެއެވެ.

އަދި ޓީމުތަކުން ބޭނި މަސް ކިރުވުމުގެ ކަންކަން މަރަދޫ ބަނދަރު ސަރަހައްދުގައި ވަރަށް ފޯރި އާއި އެކު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ވަކިވަކިން ބާއްވާ މި ރޭހުގައި އައްޑޫ އެޑިޝަންގައި 7 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން އައްޑޫގެ އެކި އަވަށްތަކުން ޓީމުތައް ވަނީ ބައިވެރިވެފައެވެ. އެ ޓީމުތަކަކީ:

 

ޓީމް އޭ.އޭ.އާރް.ސީ

ޓީމް ބަރަކޫޑާ

ޓީމް ފެހުރިހި

ޓީމް ހެޕީ މާކެޓް

ޓީމް ހޮނޑެލި

ޓީމް ސްކޫޕެ ކަންމަތި

ޓީމް އެމްޓީސީސީ

ޓީމުތައް ބޭނި މަސް ކިރުވުމާއި، ވަނަތައް ދިނުމުގެ ކަންކަން ކުރިއަށް ދާނީ މަރަދޫ ބަނދަރު ސަރަހައްދުގައެވެ. އެގޮތުން އެންމެ މޮޅު ޓީމުތަކުގެ އިތުރުން އެންމެ މޮޅި އަންހެން އަދި ފިރިހެން މަސްވެރިޔާ ހޮވާނެއެވެ.

ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް ލިބޭ އިނާމު:

* 1 ވަނަ ޓީމް: 25،000ރ.

* 2 ވަނަ ޓީމް: 10،000ރ.

* 3 ވަނަ ޓީމް: 5،000ރ.

* އެންމެ މޮޅު ފިރިހެން ކެޔޮޅު: 1،000ރ.

* އެންމެ މޮޅު އަންހެން ކެޔޯޅު: 1،000ރ.

އުރީދޫގެ 18 ވަނަ އަހަރީ ދުވަހާ ވެސް ގުޅުވައިގެން ބާއްވާ މި ފަހަރުގެ މަސް ރޭސް ސިޓީތަކުގައި ބާއްވާ އިރު، މުބާރާތް ސިޓީތަކުގައި ހޯސްޓްކުރަން ކައުންސިލްތަކުގެ ދައުރު ބޮޑެވެ.