ޒަމާނަށް އަންނަމުންދާ ބަދަލުތަކާއިއެކު އަޅުގަނޑުމެންގެ އުޅުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، އާދަކާދައަށް ވެސް ބޮޑެތި ބަދަލުތައް ދަނީ އަންނަމުންނެވެ.

އާއްމު ދިރިއުޅުމުގައި ދިވެހީން ކުރިން ލައި އުޅުނު ޤައުމީ ހެދުން ކަމުގައިވާ ދިގު ހެދުމާއި، ލިބާސް މާޒީގެ ތެރެއަށް ދިޔަ ނަމަވެސް، އެކި މުނާސަބުތަކާއި ގުޅުވައި، އެ ރަން ޒަމާނުގެ ހަނދާންތައް ދިވެހީން މިހާރުވެސް އައު ކުރެއެވެ.

ޤައުމީ އެކި ދުވަސްތައް ފާހަގަކުރާއިރު، ސަޤާފީ ހެދުން ލުމަކީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ރިވެތި އާދައެކެވެ.

މި އާދަ ދިރުވައި އާލާ ކުރަން މަސައްކަތް ކުރާ އެކަކީ ނ.މަނަދޫ، ލީނާ ހަމީދެވެ.

ކުޑައިރުންސުރެ، ފެހުމުގެ މަސައްކަތުގައި އަވަދިނެތި އުޅޭ ލީނާ ފޭސްބުކްގައި ”ލުލީސް“ގެ ނަމުގައި ޕޭޖެއް ހަދައިގެން މަސައްކަތް ފެށީ 2016 ވަނަ އަހަރުގައެވެ.

އޭނާ އަގަށް ފަހަން ފެށީ އޭގެ ކުރިން، ފެށިގެން 2014 ވަނަ އަހަރުއެވެ. އޭނާ ބުނާގޮތުން ހުރިހައި އެއްޗެއް ވެސް ފަހައި އުޅެއެވެ. ނަމަވެސް ކުޑަ އަންހެން ކުދިންނަށް ޚާއްޞަކޮށްގެން، ބޯވަޅު އެޅި ލިބާސް ފަހަން ނިންމީ، އެ މަސައްކަތުގައި އުޅޭ މީހުން މަދުވެފައި، ޑިމާާންޑު އޮންނަލެއް ބޮޑުވުމުންނެވެ.

 

ލުލީސްގެ ލިބާހެއް

ލިބާސް ފަހަން ދަސްކޮށްދިނީ މާމަ

ލީނާއަށް ލިބާާސް ފަހަން ޚިޔާލުދީ، އެ މަސައްކަތް ދަސްކޮށްދިނީ މާމައެވެ.

”އެންމެ ފުރަތަމަ މާމައަށް ފަހައިދިނީ ލިބާހެއް، މާމަ ބުނެގެން. މާމަ ކަނޑަން ދަސްކޮށްދިނީ.“ ލީނާ ކިޔައިދިނެވެ.

އޭރު މާމައަށް ލިބާސް ފަހައިދެމުން އައީ ބަތާނާ ވެސް ލައިގެން، އިހުގެ ގޮތްގަނޑަށް ކަމަށް ވެސް ލީނާ ބުންޏެވެ.

ލިބާހުގެ ބޯވަޅު ހަދަން ދަސްކުރީ މަންމަގެ އެހީތެރިކަމާއިއެކު، އެކަން ދަންނަ މީހެއް ކައިރީގައި އަހައިގެން ކަމަށް ލީނާ ބުންޏެވެ.

 

ލުލީސްގެ ލިބާހެއް

ހިތްވަރުގަދަ މަންމައެއް

ގޭގައި އިނދެގެން އާމްދަނީ ހޯދޭނެ މަސައްކަތެއް ކުރެވޭނީ، ޔަޤީނުންވެސް ހިތްވަރުވަރުގަދަ އަންހެނަކަށެވެ. ލީނާ އަކީ ވެސް މި ހިތްވަރުގަދަ އަންހެނުންގެ ލިސްޓުން ޖާގަ ހޯދައިފައިވާ ހީވާގި ކަނބަލެކެވެ. އާއިލާގެ މެމްބަރުންގެ ފުރިހަމަ އެއްބާރުލުމާއިއެކުގައި، ފެހުމުގެ މަސައްކަތް ކުރާ ލީނާ އެ މަސައްކަތުގައި އުޅެނީ، ދަރިންގެ ކަންކަން ނިންމައިލުމަށްފަހު، ރޭގަނޑުގެ ވަގުތުގައެވެ.

ލުލީސް ލިބާހެއް

ކޮންމެ ރަށެއްގައި ހުރެފައިވެސް، މިން ފޮނުވުމުން، ލިބާސް ފަހައިދޭނެ

ލުލީސް އިން ލިބާސް ފަހައިދެނީ، އެމީހުންގެ އަމިއްލަ ފޮތީގައެވެ. ހަތަރު ސައިޒަކަށް ބޯވަޅު އަޅައިގެން ފަހައިދޭ މި ލިބާސްތައް މަނަދޫ އިން މާލެއަށް ފޮނުވައިދެއެވެ.

ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ”ޕޮޒިޓިވް“ ކޮމެންޓުތައް ލިބޭއިރު، އަވަހަށް އޯޑަރުތައް ނިންމައިލުމަށް ލީނާ އިސްކަން ދެއެވެ.

އޯޑަރެއް، ހަތް ދުވަހާއި 14 ދުވަހާއި ދޭތެރޭގައި ނިންމައިދެން. އާޖެންޓް ވެއްޖެއްޔާ، އެއަށް ވުރެ އަވަސް ވެސް ކޮށްދީފަ ހުންނާނެ.

ލިބާސް ފެހުމުގެ މަސައްކަތަށް މިހާރު ވަރަށް ފަރިތަވެފައިވާ ލީނާ، އޭނާގެ ކާމިޔާބީގެ ޝުކުރު އަދާ ކުރަން ބޭނުންވަނީ، މުޅި އާއިލާއަށް ކަމަށް އޭނާ ބުނެއެވެ.