100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހދ. ހަނިމާދޫއަށް ތައާރަފްކޮށްފިއެވެ.

Ads by Asuru

އުރީދޫން ބުނީ، ހަނިމާދޫއަށް ރައްޔިތުންނަށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަރ ސުޕަރނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗެއް ގަތަރުގައި ލައިވްކޮށް ބަލާލުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ހަނިމާދޫގެ ރައްޔިތުންނަށް ފައިބަރ ސުޕަރނެޓް ފޯރުކޮށްދީ އިތުރު ފުރުސަތުތަކާ ގުޅުވާލަދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ފައިބަރ ސުޕަރނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވަރ ހިދުމަތާއެކު މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތަކެއް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އެ ކުންފުނީގެ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައި ކަމަށް އެކުންފުނިން ބުނެއެވެ.

މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ސުޕަރނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވަރގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖަށް އިތުރުވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.